Home / ޚަބަރު / މާކުރަތު ކައުންސިލްގެ 7 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު

މާކުރަތު ކައުންސިލްގެ 7 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު

މާކުރަތު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 7 ވަަނަ މުބާރާތް ނިމި އިނާމް ދިނިމުގެ ރަސްމިއްޔާތު 11 ފެބްރުއަރީ 2017 ވަނަ ދުވަހު ބާއްވައިފިއެވެ. 67 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ އެކި އެކި ވަނަތަކަށް 12 ދަރިވަރަކު ވަނީ ހޮވިފައެވެ. މުޅި މުބާރާތުން 1 ވަނަ އަށް ހޮވިފައިވަނީ ޢާއިޝަތު ޔަޝްމީ ވަސީމް، މީނާޒް ރ.މާކުރަތު ، މުޅި މުބާރާތުން 2 ވަނަ އިސްމާޢީލް ރިފާޢު، ހިޔާވަހި ރ.މާކުރަތު އަދި މުޅި މުބާރާތުން 3 ވަނަ ނޫޚް އިބްރާހީމްފުޅު، ޖަވާހިރުވާދީ ރ.މާކުރަތު އެވެ.

މާކުރަތު ކައުންސިލްގެ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މާކުރަތު ސްކޫލްގެ ޕްރިންސިޕަލް އަލްފާޞިލް އަޙްމަދު އަޝްފާޤް އެވެ. ޝަރަފްވެރި މެހްމާންގެ ވާހަކަ ފުޅުގައި މުބާރާތުގެ ކިޔެވުން ކުރީ މުބާރާތްތަކަށްވުރެ ރަނގަޅުކަން ފާހަގަ ކުރައްވައި ކުރިޔަށް ހުރި މުބާރާތްތަކުގައި މި މުބާރާތުގައި ހޯދުނު ކާމިޔާބީއަށްވުރެ ފުރިހަމަ ކާމިޔާބީއެއްހޯދަން އަޒުމު ކަނޑައެޅުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ހިތްވަރު ދެއްވިއެވެ. އަދި މި މުބާރާތުގައި ވަނައެއް ހާސިލް ނުކުރެވުނު ދަރިވަރުން އިތުރު ހިތްވަރަކާއެކު ކުރިޔަށްއޮތް މުބާރާތުގައި ބައިވެރިވެ މި މުބާރާތުގައި ވަނަ ހޯދި ދަރިވަރުންނާ އެއްހަމައަކަށް އައުމަށް އަޒުމު ކަނޑައަޅައި ހިތްވަރާއެކު މަސައްކަތް ކުރުމަށް ހިތްވަރު ދެއްވިއެވެ.

ނިމިގެންދިޔަ 7 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދުމަށް މާކުރަތު ކައުންސިލުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައެވެ. ހަމަ އެއާއެކު ކުރިޔަށް ހުރި މުބާރާތްތަކަކީ ވެސް ފެންވަރު ރަނގަޅު ބައިވެރިންގެ އަދަދު ގިނަ މޮޅެތި ދަރިވަރުންތަކެއް އުފެދޭނެ މުބާރާތަކަށް ހެދުމަށް މާކުރަތު ކައުންސިލުން މަސައްކަތް ކުރާނެކަމުގައި ފާހަގަ ކުރަމެވެ.

މަޢުލޫމާތު: – މާކުރަތު ކައުންސިލް –