ރ.މާކުރަތު ކައުންސިލާއި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒާއި ގުޅިގެން މާކުރަތުގައި 2015 ވަނަ އަހަރު ހިންގި ޤާރީކޯސް ލެވަލް 1 އަދި 2 ދަސްވެނިވި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއަޔާތު 13 ޖުލައި 2016 ވަނަ ދުވަހުގެ ރޭ 20:30 ބާއްވައިފިއެވެ. މި ކޯހުގެ ލެވަލް 1 ގައި 42 ދަރިވަރުން ބައިވެރިވެ 23 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި ލެވަލް 2 ގައި 31 ދަރިވަރުން ބައިވެރިވެ 14 ދަރިވަރުންވަނީ ދަސްވެނިވެފައެވެ. ލެވަލް 1 ން ދަސްވެނިވި 23 ދަރިވަރުންގެ ތެރެއިން 14 ދަރިވަރުން ޑިސްޓިކްޝަން އަދި 9 ދަރިވަރުން ހަޔަރ ޑިސްޓިކްޝަން ހޯދާ، ލެވަލް 2 ން ދަސްވެނިވި 14 ދަރިވަރުންގެ ތެރެއިން 5 ކުރެޑިޓް، 5 ޑިސްޓިކްޝަން، އަދި 4 ހަޔަރ ޑިސްޓިކްޝަންވަނީ ހޯދާފައެވެ.
މި ރަސްމިއްޔާތުގައި ޤާރީކޯސް ލެވަލް 1 އަދި 2 ން ހަޔަރ ޑިސްޓިކްޝަން ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮއްދެއްވީ ރަސްމިއްޔާތުގެ ސަރަފްވެރި މެހުމާން މާކުރަތު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު އަޝްފާޤު އެވެ. މި ކޯހުގެ ލެވަލް 1 ން ޑިސްޓިކްޝަން ހާސިންކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މާކުރަތު ސްކޫލްގެ ގުރެޖުއޭޓް ލީޑިން ޓީޗަރ އަލްފާޟިލް އަޙްމަދު ނަސީރު އެވެ އަދި ލެވަލް 2 ން ކުރެޑިޓް އަދި ޑިސްޓިކްޝަން ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަލްއުސްތާޛާ އަފްޝައު ރަޝީދު އެވެ.
ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާ ރަސްމިއްޔާތުގެ ސަރަފްވެރި މެހްމާން ދެއްކެވި ވާހަަކަ ފުޅުގައި ދަރިވަރުންނަށް ލިބިގެންދިޔަ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި އިލްމު ގިނަ ބަޔަކަށް ދަސްކޮށްދެއްވުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ. މީ ފެށުމެއްކަމަށްބަލާ ކުރިޔަށް ހުރި ފުރުޞަތުތަހުގެ ބޭނުން ހިފުމަށާއި އިތުރަށް ކުރިޔަށްދާން ގަދައަޅާ މަސައްކަތް ކުރުމަށް ކޯހުގެ ދަރިވަހުންނަށް ހިތްވަރުދެއްވާ ރަނގަޅު އަހުލާގެއްގެ ވެރި ބަޔަކަށްވުމަށް ސަރަފްވެރި މެހުމާންގެ ވާހަކަ ފުޅުގައި އަލިއަޅުވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި މާކުރަތު ކައުންސިލާއި ކީރިތި ޤުރުއާނާއިބެހޭ މަރުކަޒާ ގުޅިގެން މާކުރަތުގައި ހިންގުނު ޤާރީކޯސް ލެވަލް 1 އަދި 2 ގައި ބައިވެރިވި ދަރިވަރުން ކޯހުން ރަނގަޅު ނަތީޖާއެއްހޯއްދަވައި ސެޓްފިކެޓް ހާސިލްކުރެއްވީތީ މަރުޙަބާ ދެންނެވިއެވެ. ރަށުގައި ކުރިޔަށް ގެންދެވޭ މިފަދަ ކޯސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ރަށުގައި ތިބެ ކިޔެވުމުގެ ފުރުސަތު ހޯދުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ. ހިންގޭ ކޯސްތައް ކުރިޔަށް ގެންދެވި ރަނގަޅު ނަތީޖާއަކާއި ހިސާބަށް އާދެވެނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން ފާގަހަކުރައްވާ އެކަމުގެ އަގުވަޒަން ކުރުމަށް ދައިވަރުންނަށް އިއުތިމާސް ކުރެއްވިއެވެ. ކޯސްތަކުގައި ކިޔަވައިދެއްވާނެ ޓީޗަރުން ހޯއްދެވުމަކީ ދަތި އެއްކަންތައްކަން ފާހަގަކުރައްވާ މީ ހަމަ އެކަނި އަޅުގަނޑު މެންނަށް ދިމާވާ މައްސަލައެއްނޫންކަމުގައި ދެންނެވިއެވެ. އަދި ޓީޗަރުންގެ ދަތިކަން ދިމާވެ މަޑުޖެހިފައިވާ ކޯސްތައް އަދި ފެށުމަށް ތައްޔާރުވަމުންދާ ކޯސްތަކަށް ޓީޗަރުން ހޯއްދެވުމުގެ މަސައްކަތް ކައުންސިލުން ކުރިޔަށްގެންދަވާކަން ފާހަގަ ކުރައްވާ މިހާރު ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުން ކޯސްނިންމާ އަދި ދަސްވެނިވި ސެޓްފިކެޓް ހާސިލް ކުރެއްވި ދަރިވަރުން ކިޔަވައިދިނުމުގެ މައިދާނަން ކުރިޔަށްއޮތްތަނުގައި ނުކުތުމަކީ ކައުންސިލްގެ ވަރަށް ބޮޑު އުންމީދެއްކަމުގައި ދެންނެވިއެވެ.
- މާކުރަތު ކައުންސިލްގެ އިދާރާ –